ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ މުބާރާތް މާދަމާ ފަށަނީ

3 weeks ago

އަފްރާހް

ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ މުބާރާތް މާދަމާ ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ.


މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަނުން ވިދާޅުވީ މި މުބާރާތަށް ވާންޖެހޭ ހުރިހައި ތައްޔާރީއެއްކަހަލަ ގޮތަކަށް މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި ފެތުންތެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅައި، ޗެކް ކުރަމުން އަންނަކަމަށެވެ.


މިއަހަރު ބާއްވާ 15 ވަނަ ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން ގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު، 240 ފަރާތަކުން ބައިވެރިވެފައިވާ ކަަމަށް އެ އެސޯސިއޭޝަނުން ވަނީ ހާމަކުރައްވާފައެވެ. އެއީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިން ކަމަށް ވިދާޅުވިއެވެ.


މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވެފައިވަނީ މިމަހުގެ 15 ވީ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހިއިރުއެވެ.


މިއަހަރުގެ މުބާރާތް ބޭއްވުމަށް ސެޕްޓެމްބަރ 27 އަދި 28 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާއިރު، މި ތަފާތު ކެޓަގަރީތައް ވަނީ ހިމަނާފައެވެ.


އެގޮތުން 5 ކިލޯމީޓަރު ނެޝަނަލް ޗެމްޕިއަން އަދި 3 ކިލޯމީޓަރު ނެޝަނަލް ޖޫނިއަރ ހިމެނެއެވެ. އަދި 1 ކިލޯމީޓަރުގެ ސްވިމިންގ ޗެލެންޖާއި 0.5 ކިލޯމީޓަރުގެ ކިޑްސް ސްވިމިންގ ޗެލެންޖު ވެސް ހިމެނެއެވެ.


15 ވަނަ ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން 2024 މާދަމާ ހެނދުނު ފަށާނެއެވެ. ޕާޓްނަރުންގެ ގޮތުގައި އެޗްޑީސީ، އެމްޓީސީސީ، ޓްރީޓޮޕް ހޮސްޕިޓަލް، ދިރާގު، ބީއެމްއެލް އަދި ސްޕޯޓްސް މިނިސްޓްރީ ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު