ދިރާގު ރޯޑް ރޭހުގެ ކޯޗިންގ ޕާޓްނަރއަކަށް ވުމުގެ ފުރުސަތު

3 weeks ago

އަފްރާހް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގެ ކޯޗިންގ ޕާޓްނަރއަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


އެ ކުންފުނިން ވަނީ މިއަހަރު ބާއްވާ 15 ވަނަ ދިރާގު ރޯޑު ރޭހުގެ ކޯޗިންގ ޕާޓްނަރގެ ގޮތުގައި ހަރަކާތްެރިވުމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރ ފުރަތަމަ ދުވަހުގެ ކުރިން އީމެއިލް ކުރުމަށް އެދިފައެވެ. އީމެއިލް ކުރަން ޖެހެނީ dmrr@dhiraagu.com.mv އަށެވެ.


މި ދުވުމުގައި ބައިވެރިވުމުގެ ސުންގަޑި މި ސެޕްޓެމްބަރ މަހުގެ 26 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހިއިރު ހަމަވާއިރު، ދުވުން އޮންނާނީ އަންނަ އޮކްޓޯބަރ މަހުގެ މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައެވެ. މި ދުވުމުގައި މިއަހަރު ވަނީ އޮފީސް/ރިސޯޓް، ކެޓަގަރީ އަށް ހާއްސަކޮށްގެން 5 ކިލޯމީޓަރުގެ އިވެންޓެއް ތައާރަފްކޮށްފައެވެ.


މިއީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ތައާރަފްކުރި ކެޓަގަރީއެކެވެ.


މި ކެޓަގަރީގައި ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. އަދި މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށް ވެސް ޑީއެމްއާރުއާރު 2024 ގައި ރަޖިސްޓްރީވެވޭނެއެވެ.


މީގެއިތުރުން ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމުތައް އެކުލަވާލައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.


އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމުލަ ވަގުތަށް ބަލާފައެވެ. އަދި ހުރިހާ މެމްބަރުން ވެސް ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ.


މި ކެޓަގަރީގެ އިނާމުތަކަކީ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރއަޕް ޓީމަށް 8،000 ރުފިޔާ އަދި ދެވަނަ ރަނަރއަޕް ނުވަތަ ތިންވަނަ ޓީމަށް 6،000 ރުފިޔާއެވެ.


ޓީމުތަކުގައި ހަމައެކަނި ފިރިހެން، ނުވަތަ ހަމައެކަނި އަންހެން ނުވަތަ ދެ ޖިންސު އެއްކޮށް ބައިވެރިވެ، ދުވުމުގެ ފުރުސަތު ލިބެއެވެ. އެހެންނަމަވެސް އެ ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް އެ ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރި ނުވެވޭނެއެވެ.


ދިރާގުގެ މި ދުވުމަކީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.


މިއަހަރު ވެސް ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ވަނީ ހާއްސަކޮށްފައެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު މިއަހަރު ވެސް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު