ހުރިހައި ދާއިރާއަކުން ވެސް ރާއްޖެއަށް އެހީވުމަށް ޔޫއޭއީ ތައްޔާރު

3 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ޢަރަބި ޢިމާރާތް، ޔޫ.އޭ.އީ ގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް، ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާއި ބައްދަލުކުރައްވައިފިއެވެ. 


މި ބައްދަލުކުރެއްވުން އޮތީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ހާއްސަގޮތެއްގައި އިގްތިސާދީ ތަރައްގީއާއި، އިންވެސްޓްމަންޓް އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަކުރެއްވިއެވެ.


އެމަނިކުފާނުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ޔޫ.އޭ.އީ ގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެހީތެތިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުން ވެސް އެހީތެރިވުމަށް ޔޫ.އޭ.އީ އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެޤައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންވެ.


އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު