އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި މިހާރު ބައިވެރިވެވޭނެ

3 weeks ago

އަފްރާހް

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.


ބީސީސީން ވިދާޅުވީ މިއީ ރާއްޖޭގައި ވިޔަފާރިކުރާ އެންމެ ކުދި ވިޔަފާރިއާއި، ކުދި ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ގާއިމް ކުރުމުގެ ތެރެއިން ކުރިއަަށްދާ ކަމެއް ކަމުގައެވެ.


މީގެއިތުރުން ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ދަފްތަރުގެ މަގްސަދެއް ކަމަށެވެ.


އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ވެސް މިހާރުވަނީ އެ ފަރާތުން ކަނޑައަޅާފައެވެ.


ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު 27 ސެޕްޓެމްބަރ އިން ފެށިގެން އެކަމަށް ހާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ހުޅުވާލާފައިވާއިރު، މި ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް www.bcc.mv އިން ފެންނަން ހުންނާނެއެވެ.


ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.


ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިޙް އާދަމް ވިދާޅުވެފައިވަނީ ވިޔަފާރީގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ އެހެންނަމަވެސް ވިޔަފާރި ރަޖިސްޓްރީކުރަން ލާޒިމްނުވާ ފަރާތްތަކެއް އެބަތިބިކަމަށެވެ. މި ފަރާތްތައް ހިމެނެނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ނުވަތަ ސެލްފް އެންޕްލޯއިޑް މީހުންގެ ގޮތުގައިކަމަށެވެ.


އެހެންކަމުން މި ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ މިފަދަ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު