ނިއުޒީލޭންޑާއެކު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކޮށްފި

3 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ޚާރިޖީ ވަޒީރު އަދި މިނިސްޓަރ އޮފް ރޭސިންގ ވިންސްޓަން ޕީޓަރސްއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައެވެ.


އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.


މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކުރައްވާފައެވެ. އަދި ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދު ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަގްވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.


މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އިންވެސްޓުކުރުމަށް ދައުވަތުދެއްވާފައެވެ. އަދި ތައުލީމީ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް އެމަނިކުފާނު ބައްލަވާދެއްވިއެވެ.


އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު