ރައީސް ޑރ. މުއިއްޒު ނިއުޔޯކުން ފުރާވަޑައިގެންފި

3 weeks ago

އަފްރާހް

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.


އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79) ގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑރ. މުޢިއްޒު ފުރާވަޑައިގަތީ ހޮނިހިރު ދުވަހުއެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ، ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ.


މީގެއިތުރުން އދގެ ސަލާމަތީ މަޖިލީހުގައި ވަނީ ތަގްރީރު ވެސް ކުރައްވާފައެވެ.


މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ރާއްޖެ ވީ ފަހުން، ގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.


އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުޟޫއުތަކަށް އެތައް ތަގްރީރެއް ދެއްވާފައެވެ. އަދި ޔޫއެންޖީއޭ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.


ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި، ތަގްރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށެވެ.


ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތައް ލީޑަރުންނެއް އެއްތަނަކުން އެއް ވަގުތެއްގައި ބައްދަލުކުރައްވާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވަނީ ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.


އެގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.


ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާ އިން ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ "ޑީންސް ލީޑަރޝިޕް ސީރީޒް"ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އަދި ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށް ވެސް ޒިޔާރަތް ކުރައްވާފައި ވެއެވެ.


އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މިހިނގާ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައެވެ.


މިއީ އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ، ރާއްޖެ، އދގެ މެންބަރު ގައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބަތާ ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު