ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖީރިއަލް ލެވަލްގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރަން ބޭނުން: މިނިސްޓަރ

3 weeks ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖީރިއަލް ލެވަލްގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރަން ބޭނުންވާ ކަމަށާއި އެފަދަ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.


އެ މެސެޖުގައި މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދާއިރާއިން ތަމްރީންތައް ދިނުމަށްޓަކައި ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްގީކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ.


ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ވެސް ހިމެނޭކަމަަކަށްވާއިރު، މިނިސްޓަރ ވިދާޅުވީ މިކަމާގުޅޭގޮތުން ސްވިޒަރލޭންޑުގެ ހޮޓެލް ސްކޫލަކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.


މިނިސްޓަރ ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ ވަކި ރަށެއްގައި އެތަން ޑިވެލޮޕްކުރަން ކަމަށާއި އެއީ ޓޫރިޒަމް ވެސް އެތަނުގައި ކުރިއަށްދާގޮތަށް ކަމަށެވެ. އަދި މިކަން ވާނެކަމުގެ އުއްމީދު ވަަރަށް ބޮޑުކަމަަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖީރިއަލް ލެވަލްގައި މަސައްކަތްކުރާ ދިވެހިން އިތުރުކޮށް، އެފަދަ ދުވަހެއް ދެކެން ބޭނުންވާކަން ހާމަކުރައްވައި މިނިސްޓަރ ފައިސަލް ވިދާޅުވީ ދިވެހީންގެ އަސްލު ވަޒީފާ ޔަގީންވާނީ އޭރުން ކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު