ކޮންމެވަގުތަކު ވެސް މަސައްކަތްކުރަންވާނީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: މެޑަމް ސާޖިދާ

3 weeks ago

އަފްރާހް

ދިވެހި ކޮންމެ ރައްޔިތެއްގެ ސިއްޙަތު ކަށަވަރުކުރުމަށްޓަކައި ސިއްޙީ ކަންކަން އިތުރަށް ހަރުދަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީގައި ކުރިއަތް ގެންދިޔަ ހާއްސަ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.


އެކަމަނާ ވިދާޅުވީ ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޅި ސިއްހީ ނިޒާމުގައި ހަރަކާތްތެރިވާ އެންމެންގެ ޝާމިލުވުން ބޭނުންވާ ކަމެއްކަމަށެވެ.


"ކޮންމެ މީހަކުވެސް، ކޮންމެ ވަގުތަކުވެސް މަސައްކަތް ކުރަންވާނީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް." މެޑަމް ސާޖިދާ ވިދާޅުވިއެވެ.


މީގެއިތުރުން ސިއްހީ ހިދުމަތުގެ ރައްކާތެރިކަމަކީ ދިވެހިންނާއި ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިނަށް ވެސް ލިބިދޭން ޖެހޭ ހައްޤެއްކަން ފާހަގަކުރެއްވިއެވެ. އަދި ވަނީ އެ ހިދުމަތް ދިނުމުގައި ބަލިމީހާއަށް ބޭނުންވާ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭނުންވާ އުސޫލުތަކާއި މުޅި ސިއްހީ ނިޒާމު ހަރުދަނާކުރުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އަހުލުވެރިކުރުމަށް އެދިވަޑައިގަންނަވާފައެވެ.


ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، ބަލިމީހުންގެ ރައްކާތެރިކަމަށް އަލަށް ތަޢާރަފްކުރެވުނު އިސްތިރާޖީ ޕްލޭން ތަންފީޒުކުރުމާއި ބަލިމީހާގެ ބަލި އަވަހަށް ދެނެގަތުމާއި، ބޭސްފަރުވާގެ ކަންކަން އަވަސްކުރުމާއި، ދާއިރާގެ މުވައްޒަފުންގެ މައުލޫމާތު މުސްހަދިވެގެން ދިޔުމަކީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމެއްކަމަށެވެ.


މެޑަމް ސާޖިދާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްތިރާޖީ ޕްލޭނާއި ރާއްޖޭގެ ވެއްޓާއި ހާލަތަށް ފެތޭ ގޮތަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގެ ހާލަތު ދެނެގަތުމާއި ދިވެހިންގެ ތެރޭގައި ހުރި ސިއްހީ މައްސަލަތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު