ފަލަސްތީނާ ގުޅުވައި، މާލޭގެ މަގަކަށް ނަން ކިޔުމަށް ރައީސް މައުމޫން ތާއީދު

4 months ago

އަފްރާހް

ފަލަސްތީނާ ގުޅުވައި، މާލޭގެ މަގަކަށް ނަން ކިޔުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާތީ، އެކަމަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތާއީދު ކުރައްވާކަމެއް ކަމުގައި ވިދާޅުވެއްޖެއެވެ.


ރައީސް މައުމޫނުގެ ތާއީދު އޮތްކަން ހާމަކުރެއްވީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ފަލަސްޠީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ އެމަނިކުފާނަށް ވަރަށް ފެންނަ ކަމެއް ކަމަށެވެ. އަދި އެނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމުގައި ގަބޫލު ކުރެވޭ ކަމަށެވެ.


ރައީސް މައުމޫނުގެ ޒައާމަތުގައި ރާއްޖެއާއި ފަލަސްތީނާ ދެމެދު ވަރަށްގާތް ގުޅުމެއް ބާއްވަވާފައިވާއިރު، އެގައުމުގެ ރައީސް ޔާސިރު އަރަފާތު ވެސް ވަނީ ރާއްޖެވަޑައިގެންފައެވެ.


މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި، ނަމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށް، ހުށަހަޅާފައިވަނީ މޭ 23 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް އެވެ. އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 146 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މާލޭގައި ނަން ނުކިޔާ ދެ މަގެއް ހުރިކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.


ފަލަސްތީނަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ ތަނެއް ކަމަށާއި އެހެންކަމުން މީގެން ދެ މަގުން ކުރެ އެއް މަގަށް ފަލަސްތީނުގެ ނަމުން ނަން ދިނުމާއި ގުޅޭ ގޮތުން ކައުންސިލުގެ އެހެން މެންބަރުންގެ ޚިޔާލަށް ހުޅުވައިލެއްވުމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރު ފިޔަވައި އެހެން ހުރިހައި މެމްބަރުން ވަނީ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކުރާ ކަމަށް ވޯޓު ދެއްވާފައެވެ.


މޭޔަރު ވަނީ މަގަށް ކިޔާނެ ނަމާއި ހުރިހައި ތަފްސީލެއް މެމްބަރުންނާ ހިއްސާ ކުރުމުގެ އިތުރުން މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު