ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޚަބަރު ނުފެތުރުމަށް ފެނަކައިން އިލްތިމާސްކޮށްފި

3 weeks ago

އަފްރާހް

ޒާތީ ނުވަތަ ސިޔާސީ ނުރުހުމެއްގެ ތެރެއިން ނަމަވެސް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޚަބަރުތައް ނުފެތުރުމަށް ފެނަކައިން އިލްތިމާސްކޮށްފިއެވެ.


އެ ކުންފުނިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ބޮޑު އަގުގައި ސްޕެއަރތަކެއް އެ ކުންފުންޏަށް ހޯދިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނުގައެވެ.


އެ ބަޔާނުގައި ވަނީ ސްޕެއަރ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ޓެންޑަރ ކޮމިޓީ މަރުހަލާގައި ކަމަށެވެ.


" އެ ތަކެއްޗަކީ މިހާތަނަށް ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން. އަދި އެ މުދަލަށް އެއްވެސް ފައިސާއެއްވެސް ދައްކާފައި ނުވާނެ." އެ ބަޔާނުގައިވެއެވެ.


މީގެއިތުރުން އެ ކުންފުންޏަށް މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމަ ބާރު ލިބޭ ގޮތަށް އެކުލަވާލެވިފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެންކަން ފާހަގަކޮށްފައި ވެއެވެ އަދި އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަންނަ މުދަލުގެ ކޮލިޓީ އާއި އަގާއި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތުގެ ހާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.


އެ ބަޔާނުގައި އިތުރަށް ވަނީ އައު މެނޭޖްމަންޓް ކުންފުންޏާ ހަވާލުވުމަށްފަހު، ކުރިން ޢަމަލު ކުރަމުން ދިޔަ ޕްރޮކިއުމަންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުން ހުއްޓުވައި އުސޫލުތައް ހަރުދަނާކޮށްފައިވާ ކަމަށެވެ.


މީގެއިތުރުން އެ ކުންފުންޏަށް ހިދުމަތްދޭ ފަރާތްތަކަކީ ހަރުދަނާ ޓެންޑަރ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރަޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓް ކުރެވޭ ފަރާތްތައް ކަމަށް ވެސް ވަނީ ބުނެފައެވެ.


އެހެންކަމުން ކުންފުންޏަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކް" އިލްޒާމް އަޅުވައި ޚަބަރު ފެތުރުމަކީ އެ ކުންފުންޏާ މެދު އޮންނަ ގުޅުން ހީނަރުވެ، އިތުބާރު ގެއްލޭނެ ސަބަބެއް ކަމަށް ވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު

ބޭބެ

ކަލޭމެން ކުޅަކަމެއްގެ ވާހަކަ ވެއްޖެއްޔާމު އެވާނީދޮގަކަށް! އެކަމަކު އެހެން މީހުނާބެހެގޮތުން ކަލޭ ދަށްކާނީތެދުވާހަކަ! އޭގެހެއްކެތް ތާ ޗާގޯސް މަސްއަލަ

3 weeks ago

ބޭބެ

ކަލޭމެން ކުޅަކަމެއްގެ ވާހަކަ ވެއްޖެއްޔާމު އެވާނީދޮގަކަށް! އެކަމަކު އެހެން މީހުނާބެހެގޮތުން ކަލޭ ދަށްކާނީތެދުވާހަކަ!

3 weeks ago