ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް

4 months ago

އަފްރާހް

ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.


މޭ 24 ވަނަ ދުވަހުގެ ހުކުރު ހުތުބާގައި ބުނީ ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއި ލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށެވެ. އަދި ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަމާއި ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއްކަމަށެވެ.


މީގެއިތުރުން ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމުކަމަށާއި ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވާނެކަމަށް ވެސް ބުނެފައި ވެއެވެ. އަދި އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާނެކަން ކަށަވަރުކަން ފާހަގަކުރައްވައި، ހުތުބާގައި ބުނީ މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށެވެ.


"ދިރާސީ އައު އަހަރު" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުކުރު ހުތުބާގައި ވަނީ މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުން ވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.


ހުތުބާގައި ވަނީ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދީ އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ޒިންމާއަށް އިހުމާލު ނުވުމަށް ވެސް ނަސޭހަތްތެރިވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު