ދިރާގަށް 36، ހުރިހައި ޝުކުރެއް ކަސްޓަމަރުންނަށް

3 weeks ago

އަފްރާހް

ދިރާގަށް، ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި 36 އަހަރު ހޭދަކުރެވުނީ ކަސްޓަމަރުން ދެއްވާ އިތުބާރާއި ޔަގީންކަމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.


އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ މުޙައްމަދު މިރުޝާން ޙަސަން ވިދާޅުވީ މިހައި ދިގު މުއްދަތެއްގައި ހިދުމަތް ދިނުމުގައި ދެމިތިބެވުމުގެ އަސްލަކީ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުން އެ ކުންފުންޏަށް ކުރައްވާ އިތުބާރު ކަމަށެވެ.


"އަޅުގަނޑުމެންނަށް މިހާހިސާބަށް މި އާދެވުނީ ވަރަށްގިނަ ބައެއްގެ އެއްބާރުލުމާއެކު. ހާއްސަގޮތެއްގައި ކަސްޓަމަރުންގެ އެއްބާރުލެއްވުން ފާހަގަކުރަން. އެ ފަރާތްތަކުން ދިރާގަށް ކުރާ އިތުބާރު، އެންމެފަހުގެ ޓެކްނޮލޮޖީ އަށް ދެއްވާ ސަމާލުކަން. އެ ޓެކްނޮލޮޖީ ބޭނުންވެފަ ތިބި މިންވަރު. އެހެންވީމަ އެންމެބޮޑު އަދި އެންމެ ހާއްސަ ޝުކުރެއް އަދާކުރާނީ ކަސްޓަމަރުންނަށް." މިރުޝާން ވިދާޅުވިއެވެ.


މީގެއިތުރުން ދިރާގު ބޯޑުގެ އެހާރާއި މިހާރުގެ މެމްބަރުންނާއި އެ ކުންފުނީގައި މަސައްކަތް ކުރި އަދި ކުރަމުން އަންނަ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ވެސް ވަނީ ފާހަގަކުރައްވާފައެވެ.


މިރުޝާން އިތުރަށް ވިދާޅުވީ މުވާސަލާތީ އެންމެފަހުގެ ޓެކްނޮލޮޖީ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ. އަދި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ވެސް ދެމުން ގެންދާނެ ކަމަށެވެ.


ދިރާގުގެ 36 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު އެކި ޕްރޮމޯޝަންތައް ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮމޯޝަނަކީ ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެއަގުބޮޑު ޕްރޮމޯޝަނެވެ. އެއީ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ، މަޖެލަން 32 ސްޕީޑް ލޯންޗެކެވެ. އަދި މި ބޯޓުގައި 175 ހޯސްޕަވަރުގެ ޔަމަހާ ދެ އިންޖީނު ވެސް އަޅާފަފައެވެ.


"ވިން އަ ސްޕީޑް ބޯޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެ އަށްވުރެ މަތިން ރީޗަރޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށެވެ.


މީގެއިތުރުން މަހުން މަހަށް ދޭ އިނާމުތަކުގައި ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕްއިޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ގަޑި، ސްޕޯޓްސް ފިޝިންގ ގިއަރ ސެޓް މަހުން މަހަށްދޭ އިނާމުތަކުގެ ތެރޭގައި ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު