ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އާރްޑީސީގެ ދަސްވާރު ޕްރޮގްރާމު

3 weeks ago

އަފްރާހް

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ތަމްރީނު ފޯރުކޮށްދިނުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދަސްވާރު ޕްރޮގްރާމް ފަށައިފިއެވެ.


އެ ކޯޕަރޭޝަނުން ވިދާޅުވީ މިއީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި އާރުޑީސީއާއެކު މިއަހަރުގެ ޖޫން 30 ވަނަ ދުވަހި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.


މިއީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާރުވެރިކުރުވުމާއި ވަޒީފާގެ ބާޒާރުގައި ހުރިހައި ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަކަމާއެކު މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާއި އެ މީހުން ބާރުވެރި ކުރުމަށާއި އެފަދަ މީހުންނަށް މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވެސް މަގުސަދެއް ކަމުގައި އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.


ދަސްވާރު ޕްރޮގްރާމު ހަ މަސް ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި ފަސް މީހަކު ބައިވެރިވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


އާރްޑީސީން ވިދާޅުވީ ދަސްވާރުގެ ބައިވެރިން އާރުޑީސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް ގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި ވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މަސައްކަތްކުރާ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އާރްޑީސީން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު