2 months ago
"މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
މީގެއިތުރުން މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ހިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އެގޮތުން ނިންމަވާފައި ވަނީ އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ.