ރައީސްގެ ފަސް މިލިއަން ގަސްއިންދުމުގެ ވައުދުފުޅަށް ސްޓެލްކޯ އިން 36،825 ގަސް

2 weeks ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގައި ސްޓެލްކޯ އިން 36،000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.


ރައީސްގެ މި ވައުދުފުޅު ފުރިހަމަކުރުމަށް އެއްބާރުލުން ދިނުމަށް ސްޓެލްކޯ އިން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ.


އެ ކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި އެ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 36،825 ގަސް އިންދާފައެވެ. އެއީ އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައެވެ. އެހެންކަމުން ބާކީ 463،175 ގަސް އިންދަން ޖެހޭނެއެވެ.


ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ ކުންފުނިން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަށް ފުރިހަމައަށް އަމާޒު ހިފާފައިވާ ކަމަށެވެ.


އެމްޑީ ވިދާޅުވީ އަމާޒަކީ މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުން ކަމަށާއި އެ އަމާޒަށް ވާސިލުވެފައިވާ ކަމަށެވެ.


މިހާރުމިދާގޮތަށް ބަލާނަމަ، ކުރިއަށް އޮތް 60 މަސް ދުވަހުގެ ތެރޭގައި ފަސް ލައްކަ ގަސް އިންދުމުގެ އަމާޒު ހާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް." އެމްޑީ ފަހުމީ ވިދާޅުވިއެވެ.


މީގެއިތުރުން މި ޕްރޮގްރާމްގެ ފައިދާ ކުރިއަށް ޖީލަށާއި ތިމާވެއްޓަށް ކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކާމިޔާބު ކުރުމަށް އެ ކުންފުނީގެ ހުރިހައި މުވައްޒަފުންނާއި ކައުންސިލް މެންބަރުންނާއި މުޖުތަމައު ކުރާ މަސައްކަތް ފާހަގަކުރައްވައި ފަހުމީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހަސަނު

މިޕްރޮގްރާމްގެދަށުން އެންމެ މުހިއްމު ކަމަކަށްކުރީ ގަތްގަނޑަކަށް ވިއްސަކަށް އަހަރުސްޓެލްކޯ ގޯތިތެރޭގަހުރި މިދިލިގަހެއް ކަނޑާ ބިމާހަމަކޮށްލުން

2 weeks ago