ފޮނަދޫގެ އިންޖީނުގޭގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

2 weeks ago

އަފްރާހް

ލ. ފޮނަދޫގައި ހިންގަމުންދާ ފެނަކަ އިންޖީނުގޭގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ 92 އިންސައްތަ ނިންމާލެވިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.


މިއީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމަށްޓަކައި ބޭނުންވާނެ ޖާގަ އިތުރުކުރުމަށް، ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.


މި މަސައްކަތް ފުރިހަމަވުމުން، 1.2 މެގަވޯޓުގެ 2 ޖެންސެޓް ބެހެއްޓޭނެ ޖާގަ އިތުރުވެގެންދާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.


މިއަހަރުގެ އޭޕްރީލް މަހު ފަށައިގެން، ފެނަކައިން، އިން-ހައުސްކޮށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ބޮޑެތި މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.


އެގޮތުން އިންޖީނުގެއަށް އިތުރު ކުރެވޭ ބައިގެ ފުރާޅާއި ތަޅުމުގެ މަސައްކަތް ނިމި، ކަވަރިން ވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ބާކީ ހުރި ބައެއް ކަންކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.


ލ. އަތޮޅުގެ ވެރިކަން ކުރާ ފޮނަދުއަކީ، އުމްރާނީ މަސައްކަތްތަކާއި ވިޔަފާރީގެ ހަރަކާތްތައް ފުޅާވަމުން އަންނަ ރަށަކަން ވާއިރު، ކަރަންޓުގެ ކެޕޭސިޓި އިތުރުވުމަކީ، އެރަށަށް ކޮންމެހެން ބޭނުންތެރިކަމެކެވެ.


އިތުރު ކުރެވުނު ޖާގައިން، މިހާރު ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު