ސްޓެލްކޯ އިން ގަސް އިންދުމުގެ ހަރަކާތެއް ބާއްވަނީ

4 months ago

އަފްރާހް

ސްޓެލްކޯ އިން ގަސް އިންދުމުގެ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.


މިއީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އެދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، އެ ޕްރޮގްރާމުގައި ސްޓެލްކޯގެ މުވައްޒަފުން ޢަމަލީގޮތުން ބައިވެރިވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.


އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ 'އެކްސް' ގައި ވިދާޅުވީ ސްޓެލްކޯ އިން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ސަބަބުން އިއާދަކުރަނި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަން އެކުންފުނިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.


ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދެވުމުގެ މަޝްރޫއެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޢިއްޒު އިއުލާންކުރެއްވީ ފައިބެއަހަރު ބޭއްވި "ކޮޕް28" ސަމިޓުގައެވެ.


އެމަނިކުފާނު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަ ޖޫން މަހުގެ 5 ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށްދާނެކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.


ދެ ފިޔަވައްސަކަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ.


މި ޕްރޮގްރާމުގައި ރަށްތަކުގެ ކައުންސިލްތަކާއި އޮފީސް އަދި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވުމަށް ސަރުކާރުން އިލްތިމާސް ކުރައްވާފައިވާއިރު، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ގައުމުތަކުން ގަސް ހަދިޔާކުރާނެކަމަށް ވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު