ޔޫ.އެމް.އެސްގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި ބަނދަރު ކޮށްފި

2 weeks ago

އަފްރާހް

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް) ގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.


ޔޫ.އެމް.އެސްގެ ދަށުން ތައާރަފްކުރި ބައެއް ހިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. ޕެނަމާއަށް ނިސްބަތްވާ މި ބޯޓް ދަތުރުކުރަމުންދަނީ ޔޫއޭއީގެ އަބޫ ދާބީން ފުރައިގެން ޗައިނާއަށް ދިއުމަށެވެ.


މި ބޯޓުން ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި، އެރަށުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.


ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. އަދި އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ފަޅުވެރިންނަށް މަރުހަބާ ކިއުމުގެ ހަރަކާތުގައި ބައިވެރިވިއެވެ.


މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައަމަދު ވަޖީހް އިބްރާހިމް، ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އަދި އުލިގަން ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.


އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.


އުލިގަމަށް ފޭބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ ބޯޓުގެ ކެޕްޓަން ބުނީ ބޯޓު ދަތުރުކުރުމުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި މިހާ ފުރިހަމަ މެހެމާންދާރީއެއް އަދި ދުވަހަކު ވެސް ތަޖުރިބާ ނުކުރެވޭ ކަމަށެވެ.


"ވިހި އަހަރު އަހަރެން މި ދާއިރާގައި މަސައްކަތްކޮށްފި. އެކަމަކު މިހާތަނަށް ޒިޔާރަތްކުރި އެއްވެސް ތަނަކުން، މިހާ ފުރިހަމަ މެހެމާންދާރީއެއް ތަޖުރިބާއެއް ނުކުރަން،" ކެޕްޓަން ބުންޏެވެ.


އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުން ވަނީ ޔޫ.އެމް.އެސްގެ ހިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ހިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފައެވެ. އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައް ވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވެއެވެ.


ކްރޫ ޗޭންޖް ޚިދުމަތުގައި މި އުޅަނދުގައި މި ވަގުތު ތިބި 9 ކްރޫ ރާއްޖެއިން ފުރުވާލާނެއެވެ. އަދި ރާއްޖެއަށް ވައި މަގުން އަންނަ 6 ފަޅުވެރިން ހއ. އަތޮޅަށް ގެންގޮސް، އެ ބޯޓަށް އެރުވުމުގެ އިންތިޒާމްތައް ކުރިއަށް ގެންދާނެއެވެ.


މި އުޅަނދަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެމް.ޕީ.އެލްގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިވާނެއެވެ.


އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފެށީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާސްކޮށް، މެރިޓައިމްގެ ދާއިރާއިން އިގްތިސާދަށް އިތުރު މަންފާ ހޯދުޖަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މަސައްކަތެކެވެ.


ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިއީ މެރިޓައިމްގެ ދާއިރާގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.


ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ މި ހުރިހާ ހިދުމަތެއްގެ މަޢުލޫމާތު އެއްތަނަކުން ފޯރިކޮށްދިނުމަށް ޔޫއެމްއެސް ވެބްސައިޓް މިހާރު ވަނީ ތައާރަފްކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު