ތަސްލީމް ހޯދުމަށް އިންޓަރޕޯލު ނޯޓިސް ވަނީ ނެރެފަ: ފުލުހުން

2 weeks ago

އަފްރާހް

ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު ހޯދުމަށް، އިންޓަރޕޯލް ޔެލޯ ނޯޓިސް ނެރެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


ތަސްލީމް ހޯދުމަށް އިންޓަރޕޯލް ނޯޓިސް ނުނެރޭކަމަށް ބުނެ ދައުރުވަމުން އަންނަ ޚަބަރު ދޮގުކުރައްވައި ފުލުހުން ވިދާޅުވީ އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް ހުށަހެޅުމުން، އިންޓަރޕޯލުން ސެޕްޓެމްބަރު 12 ވަނަ ދުވަހު އެ ނޯޓިސް އާންމުކޮށްދީފައި ކަމަށެވެ.


މީގެއިތުރުން އިންޓަޕޯލް މެދުވެރިކޮަށް އާންމުކުރާ ނޯޓިސްތަކަކީ އެ އިދާރާގެ މެންބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް އާންމުކުރާ ނޯޓިސްއެއް ކަމަށާއި އެހެންނަަމަވެސް މިފަދަ ކޮންމެ ނޯޓިސްއަކީ އެ އިދާރާގެ ވެބްސައިޓުން އާންމުކޮށް ފެންނާނެ ނޯޓިސްއެއް ނޫން ކަމަށް ފުލުހުން ވިދާޅުވިއެވެ.


ތަސްލީމް، ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސްފައިވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ހަވީރު 5 އާއި 5:30 ހާ ދެމެދުގައެވެ. އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަަމަށް ފުލުހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން އެމީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް ފަސްގަނޑުގައި ތިބި ކަމަށާއި އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި ކަަމަށް ވެސް އެ ބަޔާނުގައި ވެއެވެ.


ފުލުހުންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އޭނާ މާލެ ދާން ބޭނުން ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10 އާއި 11 އާދެމެދު މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާ ކަމަށާއި އެހައި ހިސާބުން ތަސްލީމުގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ސެޕްޓެމްބަރ 14 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ވަނީ ތަސްލީމް މާލެ ނާންނަކަމަށް އާއިލާ އިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތަހުގީގުގައި، އެ ދަތުރުދިޔަ މީހުންނާ ސުވާލުކޮށް، އަދި އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވާ ކަަމަށް ވަނީ ހާމަކޮށްފައެވެ.


މީގެއިތުރުން ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، އޭނާއާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކުރި ކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ. އަދި އޭނާ އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައް ބަލާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


އެ ތަހުގީގާ ގުޅޭ ގޮތުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކޮށް، ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


ފުލުހުން މީގެކުރީން ވެސް ވިދާޅުވެފައިވަނީ އެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު