ދިވެހިން އެދޭގޮތަށް ރާއްޖެ ބިނާކުރެވޭނީ 10 ނޫނީ 15 އަހަރު ވެރިކަމުގައި ތިބެގެން: އަބްދުއްރަހީމް

2 weeks ago

އަފްރާހް

ޕީއެންސީގެ އަމާޒަކީ ރާއްޖެ މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކޮށްދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް ހުޅުމާލޭގައި ހިންގި މެމްބަރޝިޕް ޕްރޮގްރާމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.


އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން ކަމަށެވެ. އަދި އެ ޕާޓީން އޮތީ މި ފަސް އަހަރު އެކަނި ވެރިކަން ކުރާ ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.


"ޕީއެންސީގެ އަމާޒަކީ ރާއްޖެ މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކޮށްދިނުން." އަބްދުއްރަހީމް ވިދާޅުވިއެވެ.


މީގެއިތުރުން ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކާ 10 ވަރަކަށް ނުވަތަ 15 ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެފަދަ ވެރިކަމަކަށް ބަލާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ޕީއެންސީން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި، އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ އަމާޒެއް އޮވެގެން ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް އިދިކޮޅު ބައެއްފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލު ނުވުމުން ގޭގައި ތިބެ ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ފިތުނަ ފަސާދަ އުފައްދަން މަގުފަހިކުރަމުންދާ ކަމަށް އަބްދުލްރަހީމް ވަނީ ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު