ރައީސްގެ ދެކަނބަލުން ނިއުދިއްލީއަށް ވަޑައިގެންފި

2 weeks ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.


މިއީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި ދިވެހި ވަފުދުގެ ބޭފުޅުން އެގައުމަށް ވަޑައިގެންނެވީ އޮކްޓޯބަރ 6 ވީ އާދިއްތަ ދުވަހުގެ މެންދުރުފަހުއެވެ.


މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.


ރައީސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.


އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު