ޑރ. ޖައިޝަންކަރާއެކު ރައީސްގެ މުހިންމު ބައްދަލުވުމެއް

2 weeks ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.


އެމަނިކުފާނު އިންޑިއާ އަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެއްވިކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.


މި ބައްދަލުކުރެއްވުމަށް ފަހު ޑރ. ޖައިޝަންކަރް 'އެކްސް' ގައި ވިދާޅުވީ އިންޑިއާ ގުޅުން ބަދަހި ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅަކީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.


މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަދި ދިވެހި ވަފުދުގެ ބޭފުޅުން އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންނެވީ އޮކްޓޯބަރ 6 ވީ އާދިއްތަ ދުވަހުގެ މެންދުރުފަހުއެވެ.


މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.


ރައީސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.


އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު