ބައްސާމުގެ ފްލެޓުތައް އަތުލުން ފަސްކޮށްފި

2 weeks ago

އަފްރާހް

ގ. ފަހިިވާގެ، ބައްސާމް އަދީލް ޖަލީލު، އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ފަސްކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިގޮތަށް ނިންމީ އެ ދެ ފްލެޓް އަތުލުން މި މަހުގެ ނިޔަލަށް ފަސްކޮށްދޭން، ބައްސާމު އެދުމުން ކަމަށެވެ. އަދި އެ ނިންމުން އެގޮތަށް ނިންމީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28 ގައި ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.


އެހެންނަމަވެސް ފުލުހުން މިރޭ ވިދާޅުވީ އެޕާޓްމަންޓްތައް ހަވާލުކުރުން އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށެވެ.


ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުވާ ބައްސާމް އެ ދެ ޕެންޓްހައުސް ގަތީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިންނެވެ.


އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި ވެސް އެދިފައެވެ.


މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.


ފީފާއިން އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށް އެފްއޭއެމުން އަމީން އެވެނިއު އަށް އެ ފައިސާ ހަވާލުކޮށްފައިވަނީ އޭޕްރީލް 14، 2021 ގައެވެ. ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ކުރީންވަނީ ވިދާޅުވެފައެވެ.


އެހެންނަމަވެސް އެ ފައިސާ އަނބުރާ އެފްއޭއެމް އެކައުންޓަށް ޖަމާކޮށްފައި ނުވާއިރު، އޭގެ ބަދަލުގައި އެކި ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ވަނީ ދައުރުކޮށްފައެވެ.


މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑު ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު