މިދަތުރުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަވާނެ: ރައީސް

2 weeks ago

އަފްރާހް

ދިވެހި ރައްޔިތަކު ކޮންމެ ގައުމެއްގައި ހުރިނަމަވެސް އެރައްޔިތުންނަށް ދިވެހި ދައުލަތުގެ ފުރިހަމަ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތުތައް ބައްޓަންކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.


ރައީސް ވަނީ ދިވެހި ޚާރިޖިއްޔާގެ އެންމެ ފުރިހަމަ އެހީތެރިކަން ބޭރުގައި އުޅޭ ރައްޔިތުންނަށް ލިބޭނެގޮތަށް ކަންކަން ފުރިހަމަކުރުމަށް ވެސް ގަސްތުކުރައްވާ ކަމަށެވެ.


ނިއުދިއްލީގެ އައިސީޓީ މޯރިއާ ހޮޓެލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި އިންޑިއާދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން އެގުޅުން ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރެވޭކަމަށެވެ.


ހާއްސަކޮށް ދެގައުމަށް ފައިދާހުރި ކަންކަން އިތުރަށް ފުރިހަމަވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ. 


އެމަނިކުފާނު ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ވަކިވަކިން ބައްދަލުކުރައްވާ އެފަރާތްތަކަށް ބޭނުންވާނެ އެހީތެރިކަން އޮޅުންފިލުއްވާފައެވެ. އަދި ދިވެހި ޚާރިޖިއްޔާއާއި ދިއްލީގެ ކޮންސުލް މެދުވެރިކޮށް ކޮންސުލަރ ހިދުމަތްތައް ފަސޭހަކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. 


މީގެއިތުރުން ނިއުދިއްލީ އަކީ ދިވެހި ވިޔަފާރިވެރިން ވިޔަފާރި ބޭނުމަށް ވަރަށް ގިނައިން ޒިޔާރަތްކުރާ ތަނެއް ކަމަށާއި ދެގައުމުގެ ވިޔަފާރިވެރިންގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު