މަރާމާތަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު ބޭނުންކުރަން ފަށައިފި

2 weeks ago

އަފްރާހް

ރާއްޖޭގައި ހުރި ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތަށްފަހު ބޭނުންކުރަން ފަށައިފި ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަދުވަސްތަކަކަށްފަހު، މަރާމާތުކޮށް މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.


މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެއް ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ. އަދި މި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަޑަކަށް 250 ކިލޯމީޓަރު ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާއި ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވެއެވެ.


މީގެއިތުރުން މި ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި ވާރޭ ވެހެމުންދާ ބޯމިނާއި ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިންފަދަ މައުލޫމާތު ވެސް ބަލައިލެވޭނެކަމަށް ވިދާޅުވެއެވެ. އަދި ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެކަމަށް އަންދާޒާކުރެވޭ ވަގުތު ( ނައުކާސްޓިންގ) ވެސް ދެނެގަނެވޭނެ ކަަމަށް ވެސް ވިދާޅުވެއެވެ.


އެ އިދާރާ އިން ވަނީ މި ރާޑަރުން އެކިފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ވެސް ދެނެގަނެވޭކަން ހާމަކުރައްވާފައެވެ.


މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތަކަށް ވާނެއެވެ. މި ރާޑަރު ގިނަދުވަސްތަކަށް ބޭނުންކުރެވޭގޮތަށް މަރާމާތު ކުރުމާއި ރާޑަރ ނެޓްވޯކް ފުޅާކޮށް، ރާއްޖޭގެ އުތުރާއި ދެކުކުނުގައި ވެސް ރާޑަރު ބަހައްޓާ މޫސުން ބެލުމާއި ދުރާލާ އިންޒާރުދޭ ނިޒާމު ހަރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު