ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

2 weeks ago

އަފްރާހް

އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.


އެ ސިޓީގެ މަގުތަކުގައި ފެންބޮޑުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ފަށާފައިވަނީ މިއަދު 06:40 ހާއިރު ކަމަށެވެ.


އެގޮތުން ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.


އެރަށުން ވާހަކަދެއްކި މީހަކު 'އޮއިވަރު' އަށް ބުނީ ވާރޭ ވެހިއްޖެނަމަ، އެ ސިޓީގެ ހާލަކީ އެއީ ކަމަށެވެ. އަދި ކިރިޔާ ވެސް ފެންބޮޑުވެއްޖެނަމަ، ޖަންކްޝަންތަކުން ނަޖިސް ވެސް އަރާ ކަމަށެވެ.


މިކަމުގެ ހައްލެއް ނުލިބި ދުވަސްތައް ފާއިތުވަމުން އަންނައިރު، ރައްޔިތުންގެ މި ޝަކުވާތައް ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅާފައިވާތާ ދުވަސްތަކެއް ވެސް ވެފައިވާކަމަށް އޭނާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު