ރާއްޖެއިން އިންޑިއާ އެކު ކަރަންސީ ސްވޮޕް އެެއްބަސްވުމެއް އެކުލަވާލައިފި

2 weeks ago

އަފްރާހް

ރާއްޖެއިން އިންޑިއާ އެކު ކަރަންސީ ސްވޮޕް އެެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 


400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒަރވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުން ބަދަލުކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.


ދިވެހި ސަރުކާރުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭ އަށް ސްވޮޕް ނެގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް ކަމަށް ވަނީ ވިދާޅުވެފައެވެ.


އެގޮތުން 'ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024'ގެ ދަށުން އެމްއެމްއޭ އަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.


މީގެއިތުރުން މިއީ ދެ ގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ، ހަރުދަނާވާނެ ކަމެއް ކަމުގައި ވެސް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު