އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ކުރާ އިންވެސްޓްމެންޓުތައް އިތުރުވާނެކަމަށް އުއްމީދުކުރަން: ރައީސް

2 weeks ago

އަފްރާހް

އިންޑިއާއިން ރާއްޖެއަށް ކެނޑިނޭޅި ދެއްވާ އެއްބާރުލެއްވުމާއި ކުރައްވާ ތާއީދަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރުއަދާ ކުރައްވައިފިއެވެ.


އެމަނިކުފާނު މި ޝުކުރުއަދާކުރެއްވީ އެމަނިކުފާނު އިންޑިއާއަށް މިހާރުކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅާގުޅޭގޮތުން މީޑިޔާއަށް ދެއްވި ބަޔާނުގައެވެ.


ރާއްޖެ އާއި އިންޑިއާގެ އެތައް ގަރުނެއް ވެފައިވާ ގުޅުމަށް އިޝާރާތްކުރައްވައި، އެ ބަޔާނުގައި ރައީސް ވަނީ އެކި ދާއިރާތަކުން ދެއްވާ އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިގްތިސާދީ، އިޖުތިމާއީ ތަރައްގީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.


ހާއްސަކޮށް، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އިތުރު އެހީގެ ގޮތުގައި ދެއްވި 30 ބިލިޔަން އިންޑިއާ ރުޕީޒް އާއި، ޓީ-ބިލް ރޯލްއޯވަރގެ ގޮތުގައި ދެއްވި މާލީ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވި، އެ އެއްބަސްވުމުގެ އެހީގައި ދެ ގައުމަށް ހުރި އިގްތިސާދީ ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ހިފައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތަރައްގީގެ އެކި ދާއިރާތަކަށް އިންޑިއާ އިން ކުރާ އިންވެސްޓްމަންޓް އިތުރުކުރެވޭނޭކަމުގެ އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.


އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ބާޒާރުކަމުގައި ވާ ހިނދު، އިންޑިއާއިން ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވޭނޭކަމަށް އުންމީދުކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު