ތަރައްގީވެފައިވާ ގައުމަކަށްވުމަށް ރާއްޖެ ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނަން: މޯދީ

2 weeks ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި، މަތީ ފަންތީގެ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.


މި ބައްދަލުވުން ބާއްވާފައިވަނީ އެމަނިކުފާނު އިންޑިއާއަށް މިޙާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ.


ނިއުދިއްލީގެ ހައިދަރްއާބާދް ހައުސްގައި ބޭއްވެވި މި ވާހަކަފުޅުތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.


މި ވާހަކަފުޅުތަކުގައި ބޮޑުވަޒީރު މޯދީ ވަނީ، މި އަހަރުގެ ޖޫން މަހު، އެމަނިކުފާނު ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީތީ ރައީސް ޑރ. މުޢިއްޒަށް ޝުކުރުއަދާކުރައްވާފައެވެ.


އިންޑިއާގެ "ނޭބަހުޑް ފަރސްޓް " ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމަށް އެމަނިކުފާނު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖޫންމަހު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ދެއްވި އެއްބާރުލެއްވުމާއި ދެއްކެވި އެކުވެރިކަމުގެ ހަނދާންތައް އައު ކުރައްވާފައެވެ. ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ބޮޑުވަޒީރު މޯދީ ވަނީ، އިންޑިއާއަކީ ދިވެހިރާއްޖެއަށް އެހީވުމުގައި ފުރަތަމަ އިސްނަގާ ޤައުމުގެ ގޮތުގައި ފާހަގަކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވެފައިވެއެވެ.


ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން މޯދީއަށް މައުލޫމާތު ދެއްވައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަމާއި، ވިޔަފާރި ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގައި އެއްބާރުލުން ދިނުމަށް، އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.


ބޮޑުވަޒީރު މޯދީ ވަނީ 2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށްވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ފަންނިއްޔާތާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ސަރަހައްދީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވެސް އިޝާރާތް ކުރައްވާފައެވެ.


މި ވާހަކަތަކުގައި ދެ ފަރާތުން ވެސް ވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކޮށް، އެކުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި އަވަސްކުރަން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެން، ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.


އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސިއްޙީ ދާއިރާ އާއި، އަންހެނުން ބާރުވެރިކުރުމާއި، އިޔާދަކުރަނިވި ހަކަތަ އާއި، މެރިޓައިމް ދާއިރާއިން އެއްބާރުލުންދީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާމެދު ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރައްވާފައިވެއެވެ.


މި ބައްދަލުވުމުގެ ކުރީން ދެ ގައުމުގެ އިސްވެރިންގެ މުހިންމު ވަކި ބައްދަލުވުމެއް ވެސް ވަނީ ބާއްވަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު