3 months ago
ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ސައިބަރ ކްރައިމް ހުއްޓުވުމަށް ގާނޫނީ ގޮތުން ވެސް ގިނަ ކަންތައްތަކެއް ކުރަންހުރިކަން ފާހަގަކުރައްވައި، އޭގެތެރޭގައި ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބަރ ކްރައިމް މައްސަލަތައް އިތުރުކޮށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ސަރވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތުހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، އެވިޑެންސް ކަލެކްޓުކުރުން އަދި މިކަހަލަ އެތައް ކަމެއްގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ބިލުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ސައިބަރ ކްރައިމްގެ ހާލަތު އޮތްގޮތުން، އެންމެ މަހެއްގައި ކޮށްލާ މަސައްކަތުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ހޭލުންތެރި ނުކުރެވޭނެކަން ފާހަގަކުރައްވައި، މިފަދަ ކުށްތައް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައޫފުއްދީން ސައީދު އިތުރަށް ވިދާޅުވީ މި ހިނގާ އޮކްޓޯބަރ މަހަކީ ސައިބަރ ކްރައިމް އެވެއަރނަސް މަހެއްގެ ގޮތުގައި ފާހަގަކުރަނީ ހަގީގަތުގައި މިކަމުގެ ނުރައްކާތެރިކަން އޮތް މިންވަރު ރައްޔިތުންނަށް އަންގައިދިނުމަށް ކަމަށެވެ. އަދި އިންޓަރނެޓުގެ ވަސިލަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކީ ކޮބައިތޯއާއި އެކި ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ގެއްލުމެއް ނުލިބޭ ގޮތަށް ރައްކާތެރިކޮށް ބޭނުންކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ރައްޔިތުންނާއި، މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތްތަކުގެ ބޭފުޅުންނަށް ވެސް ކިޔައިދިނުމަށް މި މަހު ހާއްސަ ހަރާކަތްތަކެއް ހިންގާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު މި މުޖުތަމައު އޮތް ހާލަތަށް ބަލައިފިނަމަ އެއީ އެންމެ މަހަކުން ހޭލުންތެރިވެ، ކަންކަން ހައްލުވާނެކަމެއް ނޫން ކަމަށާއި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރަންވާ ކަންކަން ރާވައި ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ސްކޫލުތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ވެސް ހޭލުންތެރިކުރުވުމުގެ މިފަދަ ގިނަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.