ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން: ރައީސް

2 weeks ago

އަފްރާހް

އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.


މި ބައްދަލުކުރެއްވުމުގައި އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ އެތައް ގަރުނެއްވީ ތާރީޚެއް އޮތްކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.


ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ގައުމުގެ ދެމެދުގައި އިތުބާރު ގާއިމުކުރެވިފައިވާ މިންވަރުކަމަށް އެ ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ގައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ވަނީ، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ތާރީޚީ ގުޅުން އަދާ ހަމައަށް ވެސް ދެމިއޮތް ކަމީ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމުގައި ފާހަގަކުރައްވާފަައެވެ.


މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ދެން މަޝްވަރާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުޢާމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައި ވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު