ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ ދައުރު ވަރަށް މުހިންމު

2 weeks ago

އަފްރާހް

ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.


އެމަނިކުފާނު މިކަން ފާހަގަކުރެއްވީ "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަގްރީރުކުރައްވަމުންނެވެ.


އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މުހިއްންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.


މީގެއިތުރުން އިގްތިސާދީ އިސްލާހަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާ ވެސް ވަނީ ހާމަކުރައްވާފައެވެ.


އެ އެޖެންޑާގެ އަމާޒުތަކަކީ ފަތުރުވެރިކަމާއި މާލީ ހިދުމަތްތަކާއި، މެރިޓައިމް ސިނާއަތާއި، ޑިޖިޓަލް އިގްތިސާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގްތިސާދު ސިންދަފާތުކުރުމެވެ. ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަގްސަދުދުގައި ތަރައްގީކުރާ އިކޯ ސިޓީ، ރަސްމާލެއަކީ ވެސް މި އެޖެންޑާގައި ހިމެނޭ މަސައްކަތެކެވެ.


މީގެއިތުރުން މިހާރު ފައްޓަވާފައިވާ އިގްތިސާދީ އިސްލާހީ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވައި، އޭގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް ގާނޫނާއި، 2025 ވަނަ އަހަރު އިފްތިތާހުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.


2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދުންކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި "ރުޕޭ" ކާޑު ބޭނުންކުރެވެން ފެށުމާއެކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނޭކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު 2028 ވަނަ އަހަރު އަންނައިރު، ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު