3 months ago
ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ސިފަކުރައްވައިފިއެވެ.
އެކަމަނާ މިފަދައިން ސިފަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި ބޭއްވެވި މި ބައްދަލުކުރެއްވުމަށް ރައީސް އާއި ދިވެހި ވަފުދުގެ ބޭފުޅުން ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ރައީސް ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން، އިންޑިއާއިން ގެންގުޅޭ "ނޭބަހުޑް ފަރސްޓް" ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ނުވަތަ "ސާގަރް"ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަން ފާހަގަކުރައްވައި، އިންޑިއާއިން ރާއްޖޭގެ ތަރައްގީ އަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ވިދާޅުވިއެވެ.
މީގެއިތުރުން "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އައު އޮނިގަނޑެއް ބިނާކުރެވޭނޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުގެ ދެމެދުގައި މުތަގާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އެގޮތުން ތައުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްގީ އަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ކުރިއަށް އޮތް ތަނުގައި، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ފުރަމާނަ ދަތުރުފުޅުގައި ފެށި މުއާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްގެންދިއުމަށް، ދެ ރައީސުން ވެސް މި ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންނެވިއެވެ.
ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ، ރާޝްތްރަޕަތީ ބަވަންއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.