އުއްމީދަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިގެންދިއުން: ރައީސް

2 weeks ago

އަފްރާހް

އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެގައުމުން އަބަދު ވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.


މިޖާފަތް ބާއްވަވާފައި ވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހޯމަދުވަހުގެ ރޭ ނިއުދިއްލީގައެވެ.


އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެތައްއަހަރަކަށް ދެމިގެންގޮސްފައިވާ ދެގައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެގައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހަށްވުރެ ގިނަ އަހަރުވެފައިވާއިރު، އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.


މީގެއިތުރުން އަވަށްޓެރި ގައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރު ކުރެއްވިއެވެ. އަދި ދެގައުމުން އެއްބަސްވާ އަދި ދެގައުމަށް ވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވެސް އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.


މި ޖާފަތުގައި ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުންނާއި ދެ ގައުމުގެ މަތީފެންވަރުގެ ވަފުދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު