ފެންބޮޑުވާ މައްސަލަ ހައްލު ކުރުމާ ގުޅޭ ކޮމެޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

2 weeks ago

އަފްރާހް

ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުން، މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވާ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ގެއްލުން ލިބެމުން އަންނަ ކަމެކެވެ. 


އެހެންކަމުން، މި މައްސަލައަށް ޙައްލު ހޯދުމަށް ކުރަން ޖެހޭކަންކަން އިލްމީ ނަޒަރަކުން ދެނެގަނެ އެކަންކަން ކުރަމުން ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު މަތީ ފެންވަރުގެ ކޮމިޓީއެއް ވަނީ އެކުލަވައި ލައްވާފައެވެ. މި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާއާއެވެ. މިއީ މި ކޮމިޓީގެ ދެވަނަ ބައްދަލުވުމެވެ.


އެނގިވަަޑައިގަންނަވާނެ ފަދައިން، ވިއްސާރަވެ، ބޯކޮށްވާރޭވެހޭ ކޮންމެ ދުވަހަކުހެން މާލޭގެ ވަރަށް ބޮޑުބައެއްގައި އޮންނަނީ ފެންބޮޑުވެފައެވެ. ޚާއްޞަކޮށް މާލޭގެ ހަތަރު އަވަށުގެތެރެއިން އެންމެ ބޮޑު އެންމެ މީހުން ގިނަ އަވަށްކަމުގައި ވެފައިވާ މާފަންނުގެ ބޮޑުބަޔަކާއި، މާލޭގެ ދެކުނު ފަރާތުން ބޮޑުބައެއްގައި އާދަޔާ ޚިލާފަށް ފެންބޮޑުވެއެވެ.


އެކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެ، މުދަލަށް ގެންލުންލިބެއެވެ. ހިފައިގެންގުޅޭ ތަކެއްޗާއި، އިލެކްޓްރޯނިކް ތަކެތި ހަލާކުވެއެވެ. އަދި އެ ސަރަހައްދުތަކުން ޞިއްޙީ ޚިދުމަތް ފަދަ ޚިދުމަތްތައް ލިބިގަތުމަށް ދިޔުމުގައި ބޮޑެތި ތަކްލީފްތައްކުރިމަތިވެއެވެ.


އެ ސަރަހައްދުތަކުގެތެރޭގައި ހިމެނޭ މަގުތަކުގެތެރެއިން އެންމެ ބޮޑު، މާލޭގެ އެއްކޮޅުން އަނެއްކޮޅަށް އޮންނަ އަމީނީ މަގު، ބޮޑު ޚަރަދުކޮށްގެން މި ދިޔަ އަހަރު“ޒަމާނީ” ރަނގަޅު ފެންވަރަކަށް ހެދުމުން މާލޭގައި ފެން ބޮޑުވުމަށް ލިބޭނެކަމަށް ރައްޔިތުންނަށް އުންމީދު ދެމުން ގެންދެވުނު ފަސޭހަޔާއި ހައްލުތައް ނުލިބުން އެއީ ރައްޔިތުންނަށް ލިބުނު މާޔޫސްކަމެކެވެ. އެހެންކަމުން، ކޮމިޓީއެއް އުފައްދަވައި އެ ކޮމިޓީއާއި މަތިކުރައްވާފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ގެނެވިދާނެ ޖުމުލަ ހައްލު ދެނެގަނެ، އެ ހައްލުގެނައުމަށް މަގުފަހިކުރުމެވެ.


މި މަސައްކަތްކުރިއަށް ގެންދެވުމަށް ސިލްސިލާގޮތެއްގައި ބާއްވަމުންގެންދަން ރާވާފައި ބައްދަލުވުންތަކުގެތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި، ފެންބޮޑުވުން ހުއްޓުވުމަށް ކުރު މުއްދަތެއްގައި އެޅިދާނެ ފިޔަވަޅުތަކާއި، ފެންބޮޑުވެގެން އާންމުކޮށް ގެއްލުން ލިބޭ ގޭގެއަށް އެހެންވާ ސަބަބުތައް ތަފްޞީލީގޮތެއްގައި ދެނެގަތުމަށް ދިރާސާކޮށް ހައްލު ހޯދުން ފަދަ މުހިންމު ކަންތައްތަކާ މެދު މަޝްވަރާކުރެވުނެވެ. 


މީގެ އިތުރުން، މި މައްސަލައަށް ޖުމުލަ ހައްލެއް ހޯދުމަށް ފުންކޮށް ދިރާސާކޮށް، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން މަސައްކަތްތަކެއްކުރުމުގެ މުހިންމުކަންވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. މިގޮތުން، ފެންބޮޑުވުން ހުއްޓުވުމުގެ ނިޒާމުތައް ހަރުދަނާކޮށް، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ޢަމަލީގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.


ކިޔުންތެރިންގެ ހިޔާލު