ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން ވިސްނަންޖެހޭނެ: މިނިސްޓަރ

2 weeks ago

އަފްރާހް

ރަށްރަށުގައި ދިރިއުޅެމުންދާއިރު ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ވިސްނަންޖެހޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބ. ކުޑަރިކިލުގައި ބޭއްވި އިއާދަކުރަނިވި މި މަޝްރޫއުގެ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ.


މިނިސްޓަރ ވަނީ އެކަމަށްޓަކައި އެމީހަކަށް ފަރުދީ ގޮތުން ކުރެވެން އޮތް ކަމެއް ކުރުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.


“ތިޔަ ބޭފުޅުންގެ ވިސްނުންފުޅު މިއަދު މިފަދަ މަޝްރޫޢަކަށް މުޅި އަތޮޅަށް މިކަން ޚާއްޞަކުރައްވައިގެން ފައްޓަވާ ކަމީ އެހެން އަތޮޅުތަކުގައިވެސް ފިކުރު ތަހުޒީބުގެ ވިސްނުން އޮތް ކަމުގައި ވިޔަސް، މީގެ ރީތި ނަމާއި ޝަރަފް މުޅި ބ. އަތޮޅަށް ލިބިގެންދާ ވަރަށް ތަހުޒީބު ހަރަކާތެއްގެ ގޮތުގައި އަޅުގަނޑު މި ހަރަކާތް ފާހަގަކުރަނީ” މިނިސްޓަރ ވިދާޅުވިއެވެ.


ކުޑަރިކިލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބ. އަތޮޅު ކައުންސިލުގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާޙްކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.


މި ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލުގެ ރައީސާއި އަތޮޅު ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި، ކައުންސިލުތަކުގެ މެންބަރުންނާއި، ކުޑަރިކިލުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.


ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ އިޔާދަކުރަނިވި ހަކަތައިގެ މި މަޝްރޫއުގެ ދަށުން އެ އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ ފުރާޅުގައާއި އަތޮޅު ކައުންސިލް އިދާރާގެ ފުރާޅުގައި 15 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު