ބައްސާމުގެ ފްލެޓުތައް ފުލުހުންނާ ހަވާލުކޮށްފި

2 weeks ago

އަފްރާހް

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމީން އެވެނިއު އިން ނަގާފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހުޅުމާލެ ލޮޓް ނަމްބަރު އެން 2 – 25 ގެ ބްލޮކް Aގެ ނަމްބަރު A1205 އަދި A1206 އެޕާޓްމަންޓް، އޮކްޓޯބަރ 8 ވަނަ ދުވަހުގެ ރޭ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.


ބައްސާމް ގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އޮކްޓޯބަރ 6 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28 ގައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.


އެހެންނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރުން އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާތީ، ފުލުހުން ވަނީ އެ ފުރުސަތު އޭނާ އަށް ދީފައެވެ.


ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުވާ ބައްސާމް އެ ދެ ޕެންޓްހައުސް ގަތީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިންނެވެ.


އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި ވެސް އެދިފައެވެ.


މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.


ފީފާއިން އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށް އެފްއޭއެމުން އަމީން އެވެނިއު އަށް އެ ފައިސާ ހަވާލުކޮށްފައިވަނީ އޭޕްރީލް 14، 2021 ގައެވެ. ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ކުރީންވަނީ ވިދާޅުވެފައެވެ.


އެހެންނަމަވެސް އެ ފައިސާ އަނބުރާ އެފްއޭއެމް އެކައުންޓަށް ޖަމާކޮށްފައި ނުވާއިރު، އޭގެ ބަދަލުގައި އެކި ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ވަނީ ދައުރުކޮށްފައެވެ.


މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑު ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު