ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އިންޑިއާ އެކު މަޝްވަރާތަކެއް

2 weeks ago

އަފްރާހް

ރާއްޖެއާއި އިންޑިއާ އާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކުރައްވާފައިވައިވަނީ އިންޑިއާގެ މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


މި ޒިޔާރަތުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ، ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެ ދިވެހި ވަފުދަށް މަރުހަބާ ދަންނަވާފައެވެ. އަދި މުމްބާއީއަށް ޒިޔާރަތްކުރެއްވީތީ ޝުކުރުއަދާކުރެއްވިއެވެ.


ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުހަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ.


މީގެއިތުރުން އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން، އިންޑިއާ އާއި ރާއްޖޭގެ ބަދަހިގުޅުމުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވިއެވެ.


އިންޑިޔާ އާއި ރާއްޖެއާ ދެމެދު، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުން ވެސް ގަވަރުނަރު ރާދަކްރިޝްނަން ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ދާއިރާތަކާއި އިތުރު ދާއިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން ދެއްވި، ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި މެޑަމް ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މި ފަރިއްކޮޅުގައި ދިވެހި ވަފުދުގެ ބޭފުޅުންނާއި މަހާރާޝްތްރާ ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 


ކިޔުންތެރިންގެ ހިޔާލު