ސިޑްސް ގައި ރާއްޖޭގެ އަޑު ބައިނަލްއަގްވާމީ މުޖުތަމައުއަށް އިއްވޭކަން ޔަގީން ކުރެވޭނެ

4 months ago

އަފްރާހް

ސިޑްސް ގައި ރާއްޖޭގެ އަޑު ބައިނަލްއަގްވާމީ މުޖުތަމައުއަށް އިއްވޭކަން ޔަގީން ކުރެވޭނެ ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމިރު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ ވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ރާއްޖެއިން މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.


'އެކްސް' ގައި އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސް އިންތިޒާމް ކުރުމަށް އެކުލަވާލި ކޮމިޓީގެ ކޯ ޗެއަރގެ ގޮތުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން އިސް ދައުރެއް އަދާކުރާނެ ކަމަށެވެ.


އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެންޓިގުއާ ބާބުޑާގައި ކުރިއަށްދާ މި ސަމިޓުގެ ޕްލީނަރީ ސެޝަންގައި ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނަކީ އދ އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރ ވެސް މެއެވެ.


ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. 


ކިޔުންތެރިންގެ ހިޔާލު