2 months ago
ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ބ. މާޅޮހާއި ފުވައްމުލައްސިޓީ ދަނޑިމަގު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް އެމްޓީސީސީގެ ފަރާތުން ދޮއި ކުރެއްވީ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރެވެ.
މާޅޮހުގެ މަޝްރޫއުގައި ބިންގަނޑުކޮނުމާއި ބެކްފިލިންގ މަސައްކަތާއި 4750 އަކަމީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓްކުރުން ހިމެނެއެވެ. އަދި 274 ކޮންކްރީޓް ކާނުގަނޑު ހެދުމާއި 23 ފެންހިނދާ ވަޅުގަނޑު ހެދުމާއި 594 ގައު އެތުރުން ހިމެނެއެވެ.
2.3 މިލިއަން ރުފިޔާގެ މި މަޝްރޫއު 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މާޅޮހަކީ 775 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު، އާމްދަނީ ހޯދަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.
ފުވައްމުލައް ސިޓީ މަޝްރޫއުގެ ދަށުން ބިންގަނޑުކޮނުމާއި ބެކްފިލިންގ މަސައްކަތާއި 15039 އަކަމީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓްކުރުން ހިމެނެއެވެ. އަދި 350 ކޮންކްރީޓް ކާނުގަނޑު ހެދުމާއި 30 ފެންހިނދާ ވަޅުގަނޑު ހެދުމާއި 750 ގައު އެތުރުން ހިމެނެއެވެ.
މިއީ 2.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ވެސް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
14200 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގައި އާމްދަނީ ހޯދަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ސަރުކާރާއި ޕްރައިވެޓް ސެކްޓަރއިންނެވެ.
މި ދެރަށުގައި ވެސް ފުޓްބޯޅަ ދަނޑު ހެދުމުން އެ ދެ ރަށުގެ ޒުވާނުންނާއި ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބޭނެއެވެ.