ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލާނެކަމުގެ އިންޒާރުދިން މީހާގެ ބަންދަށް 15 ދުވަސް

1 week ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރުދިން މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ޖަހައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.


މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަންގެއާގެ ޢަބްދުﷲ މިޔާދު އެވެ. އުމުރުން 40 އަހަރުގެ މިޔާދު ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖޭން ބޭރުގައި ހުރެފައި މާލެ އައިތަނުން އޮކްޓޯބަރ 8 ވަނަ ދުވަހުގެ ރޭ ކަމަށެވެ.


މީގެއިތުރުން އޭނާ ހައްޔަރުކުރީ އޭނާ ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށްބުނެ އިންޒާރުދީފައިވާތީ ކަމަށެވެ. އަދި އިތުރު އެހެން ފަރާތްކަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އެނޫން ގޮތްގޮތުން ގެއްލުން ދޭނެކަމަށްބުނެ އިންޒާރުދީ ހަޑި ހުތުރުބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިއުމާއި ގުޅިގެން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލަ ވެސް ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު