މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ: މިނިސްޓަރ

4 months ago

އަފްރާހް

ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން މޭ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 296 ބާވަތެއްގެ ސީފުޑް ޗައިނާ އަށް އެއްވެސް ޓެރިފަކާއި ނުލައި އެކްސްޕޯޓުކުރެވޭނެ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަަކައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާނެކަމަށެވެ.


މީގެއިތުރުން މި އެއްބަސްވުމަށް މިއަހަރުތެރޭގައި ޢަމަލުކުރަން ފެށޭނެކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ މިއީ ވަރަށް ގިނަ ފައިދާތަކެއް ދިވެހި ވިޔަފާރިވެރިންނަށް ކުރާނެ އެއްބަސްވުމެއް ކަމަށެވެ. އަދި ބައެއް ބާވަތުގެ ސީފުޑް އެގައުމުން ރާއްޖެއަށް އެތެރެކޮށް، އަގު އެއްކުރުމަށްފަހު ރާއްޖެއިން އެކްސްޕޯޓުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރ ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރުމަށް ތުރުކީ އާއި އެކުވެސްވެފައިވާ އެއްބަސްވުމަށް މިއަހަރުތެރޭ ޢަމަލުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެފައެވެ.


މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް ޢަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް ޢަމަލުކުރުން އޮތީ މަޑުޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު