ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރާ، ރައީސް ޑރ. މުއިއްޒު އާ ބައްދަލުކުރައްވައިފި

1 week ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރު ހިޒް އެކްސެލެންސީ ތަވާރް ޗަންދު ގެހެލޫޓާ ބައްދަލުކުރައްވައިފިއެވެ. 


އެމަނިކުފާނުގެ އަރިހުގައި، އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ މުހިންމުކަމާއި، އަވަށްޓެރި ދެގައުމުގެ ގޮތުގައި އޮތް ރާއްޖެއާއި އިންޑިއާގެ ދެމެހެއްޓެނިވި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.


ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާ ސަރުކާރުން ދެއްވަމުންގެންދަވާ ދީލަތި މެހްމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ބޭއްވެވި މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް ވިދާޅުވިއެވެ.


ހާއްސަކޮށް ނިއުދިއްލީ އާއި މުމްބާއީގައި ކުރިއަށް ދިޔަ ބިޒްނަސް ފޯރަމްތަކުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، ބެންގަލޫރުގައި ވެސް އެފަދަ އިތުރު ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.


ކަރްނާޓަކާ ސްޓޭޓްގެ ގަވަރުނަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައި، އެ ސްޓޭޓްގެ ޗީފް މިނިސްޓަރ ހިޒް އެކްސަލަންސީ ސިދާރަމަޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 


މި ބައްދަލުކުރެއްވުމުގައި ޗީފް މިނިސްޓަރ ސިދާރަމަޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކަރްނާޓަކާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަޢުލީމާއި ޘަޤާފަތާ ގުޅުން ހުރި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ތަޖުރިބާ ޙިއްޞާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް ދެ ބޭފުޅުން ވައުދުވެވަޑައިގަންނަވަމުންނެވެ.


އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު