ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

1 week ago

އަފްރާހް

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ. 


އެމަނިކުފާނު އިންޑިއާއަށް މިހާރުކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި އެގައުމަށް ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ އިހުސާސުތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. 


އެފަދަ ކަންކަން ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަންކަން ވިދާޅުވެދެއްވުމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އެކި ބޭނުންތަކަށް ރައްޔިތުން އިންޑިއާއަށާއި އަދި ބޭރުގެ އެހެނިހެން ގައުމުތަކަށް ޒިޔާރަތް ކުރާކަމަށާއި ދިވެހިން އިންޑިއާއަށް އަންނަ މައިގަނޑު ކަންކަމަކީ، ބޭސްފަރުވާއާއި ތަޢުލީމު ހާސިލްކުރުމާއި ވިޔަފާރީގެ ބޭނުންތަކުގަައި ކަމުގައި ފާހަގަކުރެއްވިއެވެ.


އެކަހަލަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ނުވަތަ ސަރުކާރު މެދުވެރިވެގެން އެ ގައުމެއްގެ ސަރުކާރުގައި ދަންނަވައިގެން ފަހިކޮށްދެވިދާނެ ކަންކަން ހުރިނަމަ އެކަން ފަހިކޮށްދެއްވާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ. އަދި ބައިވެރިވި ދިވެހިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު