2 months ago
ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފިއެވެ.
އޮކްޓޯބަރ 9 ވަނަ ދުވަހު އާއްމު ކުރި އައު އުސޫލާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގުރޫޕުތަކަށާއި، އާއްމުންނަށް ވެސް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
މީގެ ކުރިން ޢަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. ފެބްރުއަރީ، 2022 ގައި ޢަމަލުކުރަން ފެށި އެ ގަވައިދުގެ ދަށުން ވުޒާރާއިން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އަހަރަކު ދެ ފަހަރު އިއުލާން ކުރަމުންނެވެ.
އެހެންނަމަވެސް އަލަށް ގެޒެޓުކުރި އުސޫލުގެ ދަށުން އަހަރަކު ކޮންމެ ހިސާބަކު ވެސް އުމްރާއަށް މީހުންގެ ގެންދިއުމަށް ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެއެވެ.
މިގޮތަށް އުސޫލަށް ބަދަލުގެނެސްފައިވަނީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީއެވެ.
މީގެއިތުރުން ކުރިން، އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ކުރު މުއްދަތުގެ ތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހެއެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވުމަކީ މިކަމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސް ކުރުމަށް ވެސް ލިބުނު އިތުރު ލުއިއެއްކަން ފާހަގަކޮށްލެވެއެވެ.
މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އެއްބަސްވުމާއި ޚިލާފުވެއްޖެނެމަ ޖުރިމަނާ ކުރެވޭ ގޮތަށްވެސް ވަނީ ހިމަނާފައެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ހިލާފުވެއްޖެނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.
އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެ ފަދަ ހިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ވެއެވެ.
މި އުސޫލަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް މިވަގުތު ބޭނުން ޖެހިފައިވާ އުސޫލެކެވެ. މީގެ ސަބަބުން މީހުން އުމްރާއަށް ގެންދިއުމަށްފަހު ދިމާވާ ތަފާތު އެކި މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެއެވެ.