2 months ago
ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއައި ފަސިންޖަރެއްގެ ލަގޭޖުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން 2024 އޮކްޓޯބަރު 5 ވަނަ ދުވަހު، ބްރެޒިލުން ރާއްޖެއައި، އެގައުމުގެ 33 އަހަރުގެ އަންހެނެއްގެ ލަގޭޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގޭޖް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ލަގޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ވަނީ ފެނިފައެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.44 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 6,100,000.00 (ހަ މިލިއަން އެއްލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން 2024 އޮކްޓޯބަރު 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.04 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 1,040,000.00 (އެއްމިލިއަން ސާޅީސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.48 ކިލޯގްރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، ބްރެޒިލްގެ ފަސިންޖަރު އަދި ޕޯސްޓް ޕެކޭޖު ބަލާ ކަސްޓަމްސް އަށް އައި، 40 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައެވެ.