ޕޮލިޓެކްނިކް ގައްދޫ ކެމްޕަސް ތަރައްގީ ކުރުމަށް މަޝްވަރާތައް ބާވައިފި

1 week ago

އަފްރާހް

ގދ. ގައްދޫގައި ގާއިމްކޮށްފައިވާ ޕޮލިޓެކްނިކްގެ ކެމްޕަސް ތަރައްގީކޮށް އެތަނުގެ ޙިދުމަތްތައް ފުޅާކުރުމާއި ގުޅޭގޮތުން އެރަށު ކައުންސިލާއިއެކު މި ވުޒާރާއިން މަޝްވަރާތައް ކޮށްފިއެވެ.


މި މަޝްވަރާތައް ކޮށްފައިވަނީ މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބޭހޭ ވުޒާރާގެ ޓީމުން ގދ. ގައްދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.


މި ބައްދަލުވުމުގައި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޤް، ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން އަދި އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަޙްރާ މުޙައްމަދުގެ އިތުރުން ވުޒާރާގެ އެހެން އިސްބޭފުޅުން ބައިވެރިވިއެވެ. އަދި ގދ. ގައްދޫ ކައުންސިލް އާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ވަނީ ބައިވެރިވެފައެވެ.


މި ބައްދަލުވުމުގައި ގައްދޫ ކެމްޕަސް ތަރައްޤީކުރުމުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީން މި ވުޒާރާއާއިި ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެެއެވެ. އަދި އެފަރާތްތަކުގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.


މީގެއިތުރުން ރަށުގެ ރައްޔިތުންގެ މިކެމްޕަހާއިމެދު ކުރާ އުންމީދުތަކާއި، އެފަރާތްތަކުން މިކެމްޕަސް ތަރައްޤީ ކުރުމަށް ވެދެއްވެން އެހީތެރިކަމާއި ބައިވެރިވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.


ޕޮލިޓެކްނިކް ގައްދޫ ކެމްޕަސް ތަރައްގީ ކުރުމަށް މިނިސްޓްރީއާއި ޕޮލިޓެކްނިކްގެ ވިސްނުން ހުރިގޮތްތައްވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެނުނެވެ.


އަތޮޅުތަކުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި އަތޮޅުތަކުގައި ކެމްޕަސް ގާއިމްކޮށް އެ ކެމްޕަސްތަކުން ރަށުންބޭރުން އަންނަ ދަރިވަރުންނަށް އާއިލާ އާއިއެކު ތިބެ ކިޔެވުމުގެ ފުރުސަތު ފަހިކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. 


ކިޔުންތެރިންގެ ހިޔާލު