ކާބޯތަކެތި ރަށްރަށަށް ގެންދިއުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

4 months ago

އަފްރާހް

ކާބޯތަކެތި ރަށްރަށަށް ގެންދިއުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި ކަނޑު ދަތުރު ކުރުމަށް ބުރޫ އެރުމުން ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާ ކަމަށެވެ.


މި މޭ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން މައުލޫމާތު ދީފައިވާތީ، މި މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިޔުމަށް އެ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.


ރާއްޖެއަށް މިހާރުކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވާއިރު، މޫސުން ގޯސްވެ ވައިބާރު ވުމާއެކު ކަނޑުތައް ވެސް ގަދަވެފައެވެ.


އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި، އެންމެފަހުގެ އަދާހަމަ ކޮށްގެން ދަތުރަށް ފެށުމަށް ވަނީ އެދިލައްވާފައެވެ. އަދި ބްރިޖް މަތިން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު