މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އަޅާލުމަށް ޑރ. މާރިޔާ އިލްތިމާސް ކުރައްވައިފި

1 week ago

އަފްރާހް

މަސައްކަތުގެ މާހައުލުގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ތިމާގެ ނަފްސަށް ކުޑަ ވަގުތުކޮޅެއް ހުސްކޮށްލުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެެވެ.


ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން އެމިނިސްޓްރީގައި ހަރަކާތްތަކެއް ހިންގާފައިވާއިރު، ދުވަސްފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގައި މިނިސްޓަރު ވަނީ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލާ ގުޅޭގޮތުން މެސެޖެއް ދެއްވާފައެވެ.


މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޝިއާރަކީ އަޅުގަނޑުމެން އެންމެންނަށް ވެސް އަސަރުކުރާ ކަމެއްކަމަށެވެ. އެއީ "މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން" ކަމަށް ވާތީކަމަށާއި އަޅުގަނޑުމެން ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދޭ ފަދައިން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ސަމާލުކަން ދޭންޖެހޭކަން ހަނދާންކޮށްދޭ ދުވަހެއްކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މަސައްކަތުގެ މާހައުލަކީ ބައެއްފަހަރު ނަފްސާނީގޮތުން ބުރަވެދާނެ ތަނެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މުހިންމު ޕޮއިންޓަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ހޭދަކުރަނީ މަސައްކަތުގެ މާހައުލުގައި ކަމަށްވާތީ، މިތަނަކީ އަޅުގަނޑުމެންނަށް އުފެއްދުންތެރިވެވޭ އަދި އަމިއްލަ ނަފްސާމެދު ރަނގަޅު އިހްސާސްތަކެއް ކުރެވޭ ތަނަކަށް ވާންޖެހުންކަން ފާހަގަކުރެއްވިއެވެ.


އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އުޅޭގޮތާމެދު ހާމަކަންބޮޑު ގޮތެއްގައި ވާހަކަދެއްކޭ މާހައުލެއް އުފެއްދުން މުހިންމުކަމަށާއި އަޅުގަނޑުމެން އެންމެންނަށް ވެސް ރަނގަޅު ދުވަސްތަކާއި ދެރަ ދުވަސްތައް އަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ދުވަހެއްގައި ތިމާގެ ނަފްސާނީ ހާލަތު ދެރަވެއްޖެނަމަ، އެކަން ބުނުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.


"ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުވަހެއް ބޭނުންވާނަމަ، އެދުވަސް ނެގުން މުހިންމު." މިނިސްޓަރު ވިދާޅުވިއެވެ.


މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އަޅާލުމަށް މުވައްޒަފުންނަށް ހިތްވަރު ދެއްވައި، އެކަން ދެމެހެއްޓުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެހެން މުވައްޒަފުންގެ ހާލު ބަލައި، ކޮށްދެވޭ ކުޑަކުޑަ ޢަމަލަކުން އަނެކާއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެކަން ފާހަގަކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު