ހިދުމަތްތައް ދޭންޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެގޮތަކަށް: ޑރ. ހައިދަރު

1 week ago

އަފްރާހް

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމު ހިންގާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ގޮތް ހެދުން ކަމުގައި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.


ރާއްޖޭގެ ސިއްހީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަސާސީ ހިދުމަތްތައް ދޭންޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެފަދަ ގޮތަކަށް ކަމަށެވެ.


މީގެއިތުރުން ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެއްޖެނަމަ، އެ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެކަހެރިވުމާއި، އެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ނިޒާމުގެ ބޭނުންނެތި ދާނެކަމަށް ވެސް ވިދާޅުވިއެވެ.


އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި އެކުލަވާލާ ސިޔާސަތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމަށެވެ.


"އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއަކީ ހަމަހަމަ ނިޒާމަކުން އެންމެ ބޭނުންވާ ފަރުދުންނަށް ހިޛުމަތްދެވޭކަން ޔަޤީންކުރުން. މިނިސްޓަރ ޑރ. ހައިދަރު ވިދާޅުވިއެވެ.


މީގެއިތުރުން އިޖުތިމާއީ ނިޒާމުގެތެރެއިން ކޮރަޕްޝަންގެ ޢަމުލުތައް އެކި ގޮތްގޮތަށް ހިންގައިފައި އެބަހުރިކަން ފާހަގަކުރައްވައި، އެކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެންލުންތަކެއް ލިބި، އާންމު ގިނަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުރިކަމަށް ވިދާޅުވިއެވެ.


އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން މުޅިން އެއްކިބާވެފައި އޮންނަ ނިޒާމަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަދަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ނިޒާމު ހަރުދަނާކުރުމަށް ފަންނިއްޔާތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު އެކި ފަރުދުންގެ ފަރާތުން ފަސާދައާއި ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައިވާ ދޮރުތައް ފަންނިއްޔާތުގެ ޒަރިއްޔާއިން ބަންދުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު

Ahmed Rasheed

ކަރްޕްޓްވެފައި ހުރި މީހެއް. ޢިތުބާރެއް ނެތް.

1 week ago